ފެމިލީ ކޯޓުގެ ޤާޟީ ޢަބްދުﷲ އަދީބު މަޤާމުން ރިޓަޔަރވެވަޑައިގެންފި

ފެމިލީ ކޯޓު މިހާތަނަށް ހިންގުމާ ޙަވާލުވެ ހުންނެވި ޤާޟީ ޢަބްދުﷲ އަދީބު މިއަދު ވަނީ މަޤާމުން ރިޓަޔަރވެވަޑައިގެންފައެވެ. އަލްއުސްތާޛް ޢަބްދުﷲ އަދީބު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 01 ޖަނަވަރީ 1989 ގައެވެ. ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރައްވަން ފެއްޓެވީ 1997 ވަނަ އަހަރުއެވެ.

ޤާޟީ ޢަބްދުﷲ އަދީބު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ގޯތިގެދޮރުގެ މައްސަލަތައް ބަލަމުން ގެންދިޔަ ކޯޓު ނަންބަރު 04 ގައި ޤާޟީއެއްގެ މަޤާމުގައެވެ. އަދި 01 އޮގަސްޓް 1997 ން ފެށިގެން 2 ނޮވެންބަރު 1997 އަށް ޖިނާއީ ކޯޓުގެ ޤާޟީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. 02 ނޮވެންބަރު 1997 ން ފެށިގެން 01 ޖަނަވަރީ 2013 ހަމައަށް މަސައްކަތްކުރައްވާފައިވަނީ މަދަނީ ކޯޓުގެ ޤާޟީކަމުގެ މަޤާމެވެ. 01 ޖަނަވަރީ 2013 އިން ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރައްވާފައިވަނީ ފެމިލީ ކޯޓުގައިއެވެ. މިގޮތުން 2015 ވަނަ އަހަރާ ހަމައަށް ޢާއިލީ މައްސަލަތައް ބެއްލެވުމަށްފަހު، 2015 ގެ ފަހުން މިއަދާ ހަމައަށް މަސައްކަތްކުރައްވަމުން ގެންދަވަނީ ފެމިލީ ކޯޓުގެ ތަރިކަ ޑިވިޜަންގައެވެ.