ކާވެނި

އަލަށް ކާވެނިކުރާނަމަ ކަންތައް ކުރާނީ ކިހިނެތް؟

ކާވެނިކުރަން އެދޭ ފޯމެއް ހުށަހަޅާނީއެވެ. މި ފޯމް ފެމެލީ ކޯޓުގެ ކާވެންޏާއި ބެހޭ ސެކްޝަނުންނާއި، ފެމެލީ ކޯޓުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި ކާވެނިކުރަން އެދޭ ތާރީޚުގެ ހަތް ދުވަސް ކުރިން މި ފޯމް ހުށަޅަންވާނެއެވެ.

ފޯމާއެކު ހުށަހަޅާން ޖެހޭ އެއްޗެއްސަކީ ކޮބާ؟

 •  ކާވެނިކުރާ ދެ މީހުން އަދި ދެ ހެކީންގެ އައިޑީ ކާޑުގެ ފޮޓޯކޮޕީ
 • ވަލީވެރިޔާގެ އައިޑީ ކާޑުގެ ފޮޓޯކޮޕީ (ޙާކިމުގެގެ ވަލީއަށް ކުރާ ކާވެނިތައް ފިޔަވައި އެހެން ކާވެނިތަކުގައި)
 • ކާވެނިކުރާ ދެ މީހުންގެ ސްޓޭމް ސައިޒުގެ ދެ ގަޑު ފޮޓޯ (ފޯމުގައި ޖަހާފައިވާ ފޮޓޯގެ އިތުރަށް)
 • ތެލެސީމިއާ ކާޑް
 • ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ސެޓްފިކެޓް

މީހަކާއި އިނދެ ވަރިކޮށްފައި މީހަކު ކާވެނިކުރަން ހުށަހަޅާނަމަ ތަފާތުވާނީ ކޮންކަމެއް؟

ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ސެޓްފިކެޓް ފިޔަވައި އެހެން ހުރިހައި އެއްޗެއް ހުށަހަޅަން ޖެހޭނެއެވެ. އަދި މީގެ އިތުރުން ވަރީގެ ސެޓްފިކެޓް ވެސް ހުށަހަޅަން ޖެހޭނެއެވެ.

ކާވެނި ރުޖޫޢު ކުރާނަމަ ހުށަހަޅާންޖެހޭ ތަކެތި:

 • ކާވެނި ރުޖޫޢުކުރުމަށް އެދި ހުށަހަޅާ ފޯމް
 • ކާވެނި ރުޖޫޢުކުރާ ދެ މީހުން އަދި ދެ ހެކީންގެ އައިޑީ ކާޑުގެ ފޮޓޯކޮޕީ
 • ކާވެނިކުރާ ދެ މީހުންގެ ސްޓޭމްޕް ސައިޒުގެ ދެ ގަޑު ފޮޓޯ (ފޯމުގައި ޖަހާފައިވާ ފޮޓޯގެ އިތުރަށް)
 • ކާވެނި ރުޖޫޢު ކުރާ ދެމީހުންގެ އެންމެ ފަހުގެ ކާވެނީގެ ސެޓްފިކެޓާއި ވަރީގެ ސެޓްފިކެޓް

ރެކޯޑް ސާފުކުރުމަކީ ކޮބާ؟

ކާވެނީވާ ދެ މީހުން ނިސްބަތްވާ ރަށުކޯޓުން އެދެ މީހުންގެ ރެކޯޑް ސާފުކުރެވޭނެއެވެ. އަދި ފިރިހެންމީހާ އެންމެ ފަހުން ވަރި ސާބިތު ކުރި ކޯޓުން ވެސް ރެކޯޑް ސާފުކުރެވޭނެއެވެ. އެގޮތުން ބަލާނީ އެ ދެމީހުން މީގެ ކުރިން ކާވެނިކޮށްފައިވާ ޢަދަދާއި ފިރިހެން މީހާގެ މައްޗަށް އެއްވެސް ޚަރަދެއް ވޭތޯ އާއި ޚަރަދެއް ވާނަމަ ޤަވާޢިދުން ދައްކަމުން ދޭތޯއެވެ.

މަޢުލޫމާތު ސާފުކުރުމަކީ ކޮބާ؟

ފޯމް ފީ ދެއްކުމުން މަޢުލޫމާތު ސާފުކުރުމަށް ގަޑިއެއް ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުގެ ބޭނުމަކީ ފޯމުގައި ލިޔެފައިވާ މަޢުލޫމާތު ޞައްޙަކަން ޔަޤީން ކުރުމެވެ.

ކާވެނިކުރުމަށް ކޯޓަށް ދައްކަންޖެހޭ ފައިސާއަކީ ކޮބާ؟

 • ފޯމް ފީ (ފޯމް ހުށަހަޅާ ދުވަހާއި ޖެހިގެން އަންނަ ދުވަހު ދައްކަންޖެހޭ ) 25.00 ރުފިޔާ
 • ކާވެނި ރަޖިސްޓްރީ ފީ 100.00ރުފިޔާ
 • ރޭގަނޑު ކޯޓުގައި ކާވެނިކުރާނަމަ: 500.00 ރުފިޔާ
 • ކޯޓުން ބޭރުގައި ކާވެނިކުރާ ނަމަ: 1000.00 ރުފިޔާ (މާލެ، ވިލިމާލެ)
 • މާލެއިން ބޭރުގައި (ރިސޯޓް ފަދަ ތަންތާގައި) 5000.00 ރުފިޔާ
 • ރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެންޏަށް އިތުރު ފީ އެއް ނުނަގާނެއެވެ.

ކާވެނިކޮށްދޭ ދުވަސްތަކާއި ގަޑިތައް ކޮންމެ އަހަރަކުވެސް އިޢުލާން ކުރެވޭނެއެވެ.