![](https://familycourt.gov.mv/wp-content/uploads/2023/08/WhatsApp-Image-2023-08-29-at-21.32.49-1024x576.jpeg)
ވަރި ސާބިތުކުރުމަށް އެދި ހުށަހެޅުނު މިކޯޓުގެ ނަންބަރު 1251/Fm-C/2023 ޤަޟިއްޔާގައި ހިމެނޭ ދެފަރާތް، ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ދެފަރާތުން ކުރެ ކޮންމެ ފަރާތެއް -/5000ރ (ފަސް ހާސް ރުފިޔާ) އިން ޖޫރިމަނާކޮށްފިއެވެ. އެފަރާތްތައް ޖޫރިމަނާކޮށްފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުންނެވެ. މިފަދައިން ނިންމުމުގައި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިންފަށްވެފައި ވަނިކޮށް ކައިވެނިކޮށްފައިވުމާއި، ކާވެނީގެ ޢަޤްދުވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށާއި ކާވެނީގެ ޢަޤްދުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށާއި، ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން، ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިވެއެވެ. އަދަބު ކަނޑައަޅާފައިވަނީ، ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެފަރާތުން ރާވައިގެން ކައިވެނި ކޮށްފައިވާކަން އެނގޭތީއެވެ. ޢާއިލާއާ ބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގައި ވާގޮތުން، ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެކެވެ. އަދި އެކުށަށް ކަނޑައަޅަންޖެހޭ އަދަބު ވެސް އެމާއްދާގައި ބަޔާންކޮށްފައި ވެއެވެ. މިފަދަ ޙާލަތްތަކުގައި މީގެކުރިން ވެސް ކޯޓުން އަދަބު ކަނޑައަޅައެވެ.