ކޮވިޑް-19 ގެ ޙާލަތު ގޯސްވުމާގުޅިގެން ކޯޓުގެ ޚިދުމަތްތަކަށް ބަދަލު ގެނައުން

ކޮވިޑް-19ގެ ޙާލަތު ގޯސްވެ އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ، 26 މެއި 2021 އިން ފެށިގެން ކޯޓުން ދެމުންގެންދާ ބައެއް ޚިދުމަތްތަކަށް ވަނީ ބަދަލުގެނެވިފައެވެ. މިގޮތުން ކޯޓަށް ހުށަހަޅާ އެންމެހައި ފޯމުތަކާއި ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 1:00 އަށެވެ. އީމެއިލް ކުރައްވާނީ:

  • ޝަރީޢަތްތަކާ ގުޅުންހުރި އެންމެހައި ފޯމުތައް: [email protected]
  • ކައިވެންޏާގުޅޭ އެންމެހައި ފޯމުތަކާއި ލިޔެކިޔުންތައް: [email protected]
  • އެހެނިހެން ލިޔެކިޔުންތައް: [email protected]

މިބަދަލާއެކު ކޯޓުގެ ރިސެޕްޝަނުންނާއި ޑްރޮޕް ބޮކްސް މެދުވެރިކޮށް ފޯމު ބަލައިގަތުން ވަނީ މެދުކަނޑާލެވިފައެވެ.

އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު އީމެއިލްއާއެކު އެޓޭޗްކުރެވިފައިވާ ޑޮކިއުމަންޓްތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައެވެ. އަދި އީމެއިލްއާއެކު އެޓޭޗްކޮށް ފޮނުވާ ޑޮކިއުމަންޓްތައް ސާފުކޮށް ކިޔަން އެނގެންވާނެއެވެ.

މީގެ އިތުރުން ކައިވެނި އަޤުދުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޯޓުގެ ރަސްމީ ގަޑީގައި ވީޑިއޯ ކޮންފަރެންސްކޮށްނެވެ. މިދުވަސްވަރު ކޯޓަށް ޙާޟިރުވެގެންނާއި ކޯޓުން ބޭރުގައި ކައިވެނި ޢަޤުދުކޮށްދިނުން ވަނީ މެދުކަނޑާލެވިފައެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 ރޯގާ މިދުވަސްވަރު ފެތުރެމުންދާތީ، ކައިވެނިކުރުމަށް ހުށަހަޅާތާ 07 ދުވަހުގެ ތެރޭގައި ކައިވެނިތައް ހަމަނުޖެހި ލަސްވުން އެކަށީގެންވާ ވާހަކަ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. އެހެންކަމުން، ކައިވެނިކުރުމަށް ހުށަހަޅާ ފަރާތްތަކުން ކުރިއާލާ ފޯމު ހުށަހަޅުއްވައިގެން ކައިވެނިތައް ހަމަޖެއްސުމަށް އިލްތިމާސްކުރަމެވެ.

މިމުއްދަތުގެ ތެރޭގައި ޚިދުމަތް ހޯދުމަށް ކޯޓަށް ވަޑައިގެންނެވުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް އެކަމަކާ ގުޅޭ ސެކްޝަނަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވުން އެދެމެވެ. ކޯޓުގެ ސެކްޝަންތަކުގެ އީމެއިލް އެޑްރެސް މި ލިންކް އިން ލިބިލައްވާނެއެވެ. އަދި ރަސްމީގަޑީގައި ކޯޓުގެ ނަންބަރު 3340085 އަށް ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.