ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް

ތަޢާރަފު

މިއީ އާއިލާއާ ބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤްޞަދު ޙާޞިލްކުރުމަށް، ކައިވެންޏަށް ހޭލުންތރިކުރުމުގެ ޕްރޮގްރާމުގެ ނަމުގައި ފެމިލީ ކޯޓުން ހިންގާ ޕްރޮގްރާމެކެވެ.

މަޤްޞަދު

ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 34 ވަނަ މައްދާގައި ޢާއިލާއަކީ މުޖްތަމަޢުގެ ޠަބީޢީ އަސާސްކަމުގައި ވީހިނދު، ޢާއިލާތަކުގެ ގުޅުމާއި އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުމުގެ މަޤްޞަދުގައާއި، އަދި ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ސައްތައިން ސަންތަ މުސްލިމުން ދިރިއުޅެމުންގެންދާ އިސްލާމީ މުޖްތަމަޢެއްކަމުގައި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު، ޢާއިލާތައް އެގޮތުގެމަތިން ބިނާކުރުމާއި ޢާއިލާތައް ޙިމާޔަތްކުރުމައްޓަކައި އެހީތެރިވެދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް އަމާޒުކުރެވިފައިވާ ފަރާތް

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ މުޅިން އަލަށް ކައިވެނިކުރާ މީހުންނަށެވެ. ނަމަވެސް މިޕްރޮގްރާމް އަޑުއަހަން ޝައުޤުވެރިވާ ކޮންމެ ބޭފުޅަކަށް ޖާގައޮތްވަރަކުން ފުރުޞަތު ވަނީ ހުޅުވާފައެވެ.

ޕްރޮގްރާމް ހިންގާ ގޮތް:

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހޭލުންތެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށްއެދޭ ސްލިޕް ފުރުއްވުމަށްފަހު ކޯޓަށް ހުށަހެޅުމުން ޕްރޮގްރާމްގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. ކޮންމެ ހަފްތާއަކު ދެދުވަހު މިޕްރޮގްރާމް އޮންނާނެއެވެ. މިތަނުން ބޭނުން ކޮންމެވެސް އެއްދުވަހަކު ޕްރޮގްރާމްގައި ބައިވެރިވެވިދާނެއެވެ. މި ޕްރޮގްރާމްގައި ކަނޑައެޅިފައިވާ މަޢުލޫމާތުތަކަށް ލެކްޗަރ ދިނުމަށްފަހު ސުވާލުކުރުމަށް ފުރުޞަތުދެވޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވެއްޖެ ނަމަ ނުވަތަ އެބޭފުޅުން ޙިއްސާކޮށްލަން ބޭނުންވާކަމެއްއޮތްނަމަ ވަކިން ފެސިލިޓޭޓަރުންނާއި ބައްދަލުކޮށްދިނުމުގެ ފުރުޞަތު ލިބިދެވޭނެއެވެ.
ޕްރޮގްރާމް ހިންގާ ގަޑިތައް:

1- އާދީއްތަ ދުވަހުގެ 14:30 އިން 16:40 އަށް

2- ބުދަ ދުވަހުގެ 14:30 އިން 16:40 އަށް

ޕްރަގްރާމްގައި ހުށަހަޅާދޭ ސެޝަންސް:

1- ޤާނޫނީ ސެޝަން (ކާވެނީގެ ޕްރޮސީޖާ)

މިސެޝަންގައި ކައިވެނިކުރުމަށް ފޯމް ހުށަހަޅާ ދުވަހުން ފެށިގެން ކާވެނިކުރުމާދެމެދު ޢަމަލުކުރާނެ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ދިނުމާއި އަދި ކައިވެނިކުރުމުގެ ޕްރޮސީޖަރތަކުގައި ދިމާވާ މައްސަލަތަކާއި އޭގެ ޙައްލު ބަޔާންކޮށްދިނުމާއި އަދި މީގެ އިތުރުން ޢާއިލާއާބެހޭ ޤާނޫނާއި ޤަވާއިދުގައި ކައިވެނިކުރާ ދެފަރާތަށް ލިބިގެންވާ ޙައްޤުތަކާއި އަދާކުރަންޖެހޭ ޒިންމާތައް އަންގައިދިނުން.

2- ކައިވެންޏާއި ޞިއްޙީ ދުޅަހެޔޮކަން

މި ސެޝަންގައި ކައިވެނި ކުރާއިރު ޞިއްޙީގޮތުން އެނގެންޖެހޭ މުހިއްމު މަޢުލޫމާތުތައް އަންގައިދިނުމާއި ޢާއިލާއެއްބިނާކުރުމަށް ފެށުމުގެ ކުރިން ބޭނުންވާ މަޢުލޫމާތުތައް މި ސެޝަނުގައި ހުށަހަޅައިދެވޭނެއެވެ.

3- އިޤްތިޞާދީ އަދި އިޖްތިމާޢީ

މި ސެޝަންގައި ބައިވެރިއެއް އިޚްތިޔާރުކުރުމުގައި ބަލަންޖެހޭކަންތައްތަކާއި ކާވެންޏެއްކުރުމަށްފަހު ދެމަފިރިންދެމެދުގައި ދިމާވާ މައްސަލަތައް ޙައްލުކުރާނެގޮތާއިމެދު ވާހަކަދައްކައި، އަދި ކައިވެންޏަށްފަހު އިޤްތިޞާދީ ހަޔާތް ބިނާކުރާނެގޮތާއިމެދު ވެސް މަޢުލޫމާތު ހުށަހަޅާދެވޭނެއެވެ.

4- އިސްލާމްދީނުގައި ކައިވެނި

ކާވެނީގެ މުހިއްމުކަން އަދި ދެމަފިރިންނަށް ލިބޭ ހައްޤުތަކާ ވާޖިބުތަކަށް މިބައިގައި އަލިއަޅުވާލަދެވޭނެއެވެ. އަދި މީގެއިތުރަށް ދެމަފިރިންނަށް ޚާއްޞަވާ ފިޤުހީ ޙުކުމްތައް ވެސް މިސެކްޝަންގައި ބައިވެރިންނަށް ކިޔައި ދެވޭނެއެވެ.