2020 ފެބުރުވަރީ 20 ވަނަ ދުވަހު ފެމިލީ ކޯޓުން ކާވެނި ޢަޤުދުކޮށްދިނުން

2020 ވަނަ އަހަރުގެ، ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކާވެނިކޮށްދޭގޮތަށް ހަމަޖައްސާފައިވާއިރު، މިހިނގާ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހަކީ، ފެމިލީކޯޓުގައި ގިނަ ޢަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައި ދުވަހެކެވެ. 2020 ފެބުރުވަރީ 20 ވަނަ ދުވަހު، ފެމިލީ ކޯޓުން ޖުމްލަ 64 ކާވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ ވަޒީފާގެ ރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 14 ކާވެންޏަކާއި، ނުރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 11 ކާވެންޏަކާ އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ޖުމްލަ 39 ކާވެންޏެއް ޢަޤުދު ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 2020 ވަނައަހަރުގެ ހުރިހައި ދުވަހެއްގައިވެސް ފެމިލީ ކޯޓުން ކާވެނިކޮށްދިނުމަށް ހަމަޖެއްސުމާއި ގުޅިގެން މިއަހަރުގެ މިހާތަނަށްވަނީ ގިނަ ޢަދަދެއްގެ ކާވެނި ފެމިލީ ކޯޓުން ޢަޤުދު ކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފެމިލީ ކޯޓުން ޖުމްލަ 305 ކާވެންޏެއް ޢަޤުދުކޮށްދީފައިވެއެވެ. މިއަދު ޢަޤުދުކޮށްދިނުމަށް ހަމަޖެހިފައިވާ 64 ކާވެނި ޢަޤުދުކޮށްދިނުމާއެކު މިއަހަރުގެ މިހާތަނަށް ފެމިލީ ކޯޓުން ޢަޤުކޮށްދެވުނު ކާވެނީގެ ޢަދަދު 369 އަށް އަރާނެއެވެ.