ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯޓުގެ ޚިދުމަތްތަކަށް ބަދަލު ގެނައުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާތީ، 07 ފެބްރުއަރީ 2021 ން ފެށިގެން  ކޯޓުގެ ބައެއް ޚިދުމަތްތަކަށް ބަދަލުތައް ވަނީ ގެނެވިފައެވެ. މިގޮތުން ޝަރީޢަތާ ގުޅުންހުރި އެންމެހައި ފޯމުތަކާއި އެހެނިހެން ފޯމުތައް ބަލައިގަންނާނީ ޖަސްޓިސް ބިލްޑިން ފުރަތަމަ ފަންގިފިލާގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްއާއި އީމެއިލް މެދުވެރިކޮށް، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 13:00 އަށެވެ. އީމެއިލް ކުރައްވާނީ registration@familycourt.gov.mv އަށެވެ. މި ބަދަލާއެކު ކޯޓުގެ ރިސެޕްޝަނުން ފޯމު ބަލައިގަތުން އޮންނާނީ މެދުކަނޑާލެވިފައެވެ.

ކާވެނީގެ ފޯމުތައް ބަލައިގަންނާނީ ކާވެނި ސެކްޝަންގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސް މެދުވެރިކޮށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 13:00 އަށެވެ. އަދި ކާވެންޏާ ގުޅޭ އެހެނިހެން ފޯމުތައް ބަލައިގަންނާނީ ކާވެނި ސެކްޝަންގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްއާއި އީމެއިލް މެދުވެރިކޮށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 13:00 އަށެވެ. އީމެއިލް މެދުވެރިކޮށް ހުށާހަޅާނަމަ އީމެއިލް ކުރައްވާނީ marriage @familycourt.gov.mv އަށެވެ.

ޑްރޮޕްބޮކްސް މެދުވެރިކޮށް ފޯމާއި ލިޔެކިޔުން ހުށާހަޅާއިރު، ޑްރޮޕްބޮކްސްއަށް ލާންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައަކަށް ލުމަށްފަހުގައެވެ. އަދި ސިޓީއުރައިގައި ހުށަހަޅާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއި ކޮންކަމަކަށް އެދި ހުށަހަޅާ ފޯމެއްކަން ބަޔާންކުރަންވާނެއެވެ.

މީގެ އިތުރުން ކާވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމީގަޑީގައެވެ. މިގޮތުން އޮންލައިންކޮށް އަދި ކޯޓަށް ޙާޟިރުވެގެން ކާވެނި ކުރުމުގެ ފުރުސަތު އޮންނާނެއެވެ. މިދުވަސްވަރު ކޯޓުން ބޭރުގައި ކާވެނިކޮށްދިނުން ވަނީ މެދުކަނޑާލެވިފައެވެ. އަދި 07 ފެބްރުއަރީއިން ފެށިގެން ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް ކޯޓުން ގުޅަމުންގެންދާނެއެވެ.

ކޯޓަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތައް މާސްކު އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި ކޯޓަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ކޯޓަށް ޙާޟިރުނުވުމަށް އިލްތިމާސްކުރަމެވެ.