އިސްޤާޟީގެ ބަސްކޮޅު

އަޅުގަނޑުމެންގެ ބޭނުމަކީ، މިކޯޓުން ލިބެންޖެހޭ އެންމެހައި މަޢުލޫމާތުތައް ކޯޓާއި ހަމައަށް ނައިސް އެމީހަކު ހުރި ތަނެއްގައި ހުރެގެން މިވެބްސައިޓްގެ ޒަރީޢާއިން އެމީހަކަށް މިކޯޓުގެ ފަރާތުން ބޭނުންވާ ޞައްޙަ މަޢުލޫމާތު ފޯރުކޮށް ދިނުމެވެ. ބައެއް ފަހަރު މަޢުލޫމާތުތައް ހޯދާންޖެހޭ ފަރާތް ނޫން ފަރާތަކުން މަޢުލޫމާތު ހޯދުމުގެ ސަބަބުން ދިމާވާ ދަތިތައް މިވެބްސައިޓްގެ ސަބަބުން ޙައްލުވެގެން ދާނެކަމުގައި އުއްމީދު ކުރަމެވެ.

ފެމިލީ ކޯޓަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިކޯޓުގެ ޚިދުމަތް ބޭނުން ނުވެ ނުދާނޭ ކޯޓެކެވެ. މިކޯޓަކީ ކޮންމެ ދިވެހި ރައްޔިތަކާ ގުޅިފައިވާ ކޯޓެކެވެ. މިހެންކަމުން ކޯޓުން ބޭނުންވަނީ މިކޯޓުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ފޯރުކޮށްދީ، މިކޯޓާއި ރައްޔިތުންނާ ގުޅުވައިދިނުމެވެ. އަދި ޢާއިލާތަކުގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް، އިސްލާމްދީނުގެ އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވީ އެންމެ ފުރިހަމައަށް ޚިދުމަތްދީ، ޢާއިލާތަކުގެ ޙައްޤުތައް، ޙައްޤު ގޮތުގައި ޙިމާޔަތް ކޮށްދިނުމެވެ.

ކޯޓުގެ ޚިދުމަތްތައް ރަނގަޅުވެގެން ދާނީ ތިޔަބޭފުޅުންގެ ބިނާ ކުރަނިވި ޚިޔާލުތަކާއި އަޑުވެސް އަޅުގަނޑުމެންނާއި ހަމައަށް ފަސޭހަކަމާއެކު ވާޞިލުވެގެން ކަމަށްވުމާއެކު، ވިވެބްސައިޓުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕަވަމުން ގެންދަވާނެކަމުގައި އުއްމީދު ކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހި އެންމެ ޢާއިލާތަކުގެ މެދުގައި ދެމެހެއްޓެނިވި ފާގަތި ތަނަވަސް ގުޅުންތަކެއް ޤާއިމުވެގެން ދިއުމެވެ.