ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަތައް ޑިޖިޓަލައިޒްޑް ޕްލެޓްފޯމެއްގެ ތެރެއިން ހުށަހެޅޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން 25 ނޮވެންބަރު 2026 ގައި އީ-ފޯމު ގެ ޚިދުމަތް ވަނީ ތަޢާރަފުކޮށްފައެވެ.
މި ޚިދުމަތް ފައްޓަވައި ދެއްވީ ފެމިލީ ކޯޓުގައި ބޭއްވި ހާއްސަ ޙަފްލާއެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އީ-ފޯމް ލޯންޗްކުރުމަށް ބޭއްވުނު މި ޙަފްލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އާދަމް ޝަމީމު އާއި ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދުގެ އިތުރުން ކޯޓުގެ ޤާޟީންނާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ވިދާޅުވީ، މި މަސައްކަތަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ އެހީތެރިކަމާއެކު ކޯޓުން ކޮށްފައިވާ ވަރަށް މުހިއްމު މަސައްކަތެއްކަމަށާއި މި ލޯންޗްކުރެވުނު އީ-ފޯމްގެ ޒަރީޢާއިން ރައްޔިތުން ކޯޓަށް މައްސަލަ ހުށަހެޅުމުގައި ހުރި ދަތިތަކާއި ހުރަސްތައް ނައްތާލެވި، ރައްކާތެރިކަމާއެކު ކޯޓަށް ވާޞިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
އަދި 25 ނޮވެންބަރު 2026 އަކީ އަންހެނުންނާ ދެކޮޅަށްކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސް ކަމުގައިވީހިނދު، މިދުވަހާއި ދިމާކޮށް މި ޚިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުއިން އަންހެނުންނަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމުގައި ފެމިލީ ކޯޓުގެ ދައުރު އިތުރަށް ހަރުދަނާކޮށް އެމީހަކު އެހުރި ތަނަކުން ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދެވޭނޭ މަގު ތަނަވަސް ކޮށްދިނުން ކަމުގައި ވެސް އިސްޤާޟީ ވިދާޅުވިއެވެ.




ގެވެށި އަނިޔާއާ ގުޅުންހުރި ފޯމުތައް އީ-ފޯމްގެ ޚިދުމަތް މެދުވެރިކޮށް މިހާރު ކޯޓަށް ހުށަހެޅޭނެއެވެ. އަދި ކޯޓުގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޯޓުގެ ހުރިހާ ފޯމެއް މި ނިޒާމުގެ ތެރެއަށް ބަދަލުކުރެވި އޭގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބިގެންދިއުމެވެ.
