ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސަވައިފި

ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންމެ ތިންމަހުން އެއްފަހަރު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސައި 02 އޮކްޓޯބަރ 2018 ގައި ވަނީ ޢާއްމުކޮށް އިޢުލާންކުރެވިފައެވެ. ސާބިތު ޚަރަދު ފައިސާގެތެރޭގައި ހިމެނެނީ، ކޯޓު މެދުވެރިކޮށް ދެއްކުމަށް އަންގާ ޙުކުމްކުރެވިފައިވާ ދަރިންގެ ޚަރަދާއި، އަނބިމީހާގެ ޚަރަދާއި، ޢިއްދާގެ ޚަރަދާއި، ވިހެމުގެ ޚަރަދުގެ ފައިސާއެވެ.

2018 ޖެނުއަރީ 01އިން 2018 ސެޕްޓެމްބަރ މަހުގެ ނިޔަލަށް، ސާބިތު ޚަރަދު ފައިސާ ހޯދުމުގެ 387 މައްސަލަ މި ކޯޓަށް ހުށަހެޅިފައިވެއެވެ. އަދި މިމުއްދަތުގެތެރޭގައި މިބާވަތުގެ 248 މައްސަލަ ވަނީ ނިންމާފައެވެ.

ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާއްމުކޮށް ޝާޢިއުކުރަން ހަމަޖެހިފައިވަނީ ޖަނަވަރީމަހާއި، އޭޕްރީލްމާހާއި، ޖުލައި އަދި އޯގަސްޓް މަހުގައެވެ. މިގޮތުން ޖެނުއަރީ މަހު ޝާޢިއުކުރާ މަޢުލޫމާތު މާރޗް މަހުގެ ނިޔަލަށް، އޭޕްރީލް މަހު ޝާޢިއުކުރާ މަޢުލޫމާތު ޖޫން މަހުގެ ނިޔަލަށް، ޖުލައި މަހު ޝާޢިއުކުރާ މަޢުލޫމާތު ސެޕްޓެމްބަރ މަހުގެ ނިޔަލަށް އަދި އޮކްޓޯބަރ މަހު ޝާޢިއުކުރާ މަޢުލޫމާތު ޑިސެމްބަރ މަހުގެ ނިޔަލަށް ޢާއްމުކޮށް ފެންނާނެހެން ޝާޢިއުކުރެވޭނެއެވެ.