ފެމިލީ ކޯޓަށް 2 ފަނޑިޔާރުން ޢައްޔަންކޮށްފި

ޖޭ.އެސް.އީ އިން ފެމިލީ ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛާ ޒަޢީމާ ނަޝީދު އާއި އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޢައްޔަންކުރައްވާފައެވެ. މި ދެ ބޭފުޅުން މަޤާމުގެ ހުވާ ކުރެއްވީ 2021 ނޮވެންބަރު 28 ވީ އާދީއްތަ ދުވަހު ޖޭ.އެސް.އީ އިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދެބޭފުޅުން މިއަދު ވަނީ ފެމިލީ ކޯޓަށް ވަޑައިގެން ކޯޓުގެ ޤާޟީންނާ ބައްދަލުކޮށް ތަޢާރަފުވެފައެވެ.

އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު ވަނީ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ޙާޞިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޒަޢީމާ ނަޝީދު ވަނީ ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާރުގެ މަޤާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން ބެޗެލާރސް އޮފް ލޯސް ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.