ފެމިލީ ކޯޓުގެ ”ޢާއިލީ ޞުލްޙަ ވެހި“ އިފްތިތާޙްކުރައްވައިފި

ފެމިލީ ކޯޓުން ހިންގަމުންއައި ”ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައި“ގެ ނަން ” ޢާއިލީ ޞުލްޙަ ވެހި “ގެ ނަމަށް ބަދަލުކޮށް މިއަދު އިފްތިތާޙްކުރައްވައިފިއެވެ. މި ބަދަލު ގެނެވިފައިވަނީ، ޢާއިލީ މައްސަލަތައް ހައްލުކުރުމުގެ މަސަކަތް އިތުރަށް ހަރުދާނާކޮށް ފުޅާކުރުމުގެ މަޤްޞަދުގައެވެ.

ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2001 ވަނަ އަހަރު ތަސްދީގުކުރެވުނު ޢާއިލާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގައި ބަޔާންކުރާ މަޤްސަދުތައް ޙާޞިލުކުރުމުގެ މަޤްޞަދުގައެވެ.  މިގޮތުން އެންމެ ފުރަތަމަ އާއިލީ މައްސަލަތައް ޞުލްޙަކުރުމުގެ މަސައްކަތް ކުރައްވާފައިވަނީ ކޯޓުގައި ތިއްބެވި ޤާޟީންނެވެ. 2011 ވަނަ އަހަރު ތެރޭގައި މީޑިއޭޝަން ހިންގުމައްޓަކައި ޤާޟީންގެ ބަދަލުގައި މީޑިއޭޓަރ އަކާއި ސޯޝަލް ވޯކަރ ހަމަޖައްސައި ޚިދުމަތް ދޭން ފެށުނެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ކާވެންންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމުގެ މަސައްކަތް، ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ ބަޔަށް ބަދަލުކުރެވިފައިވެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

މިއަދުގެ ރަސްމިއްޔާތުގައި ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބޭނުންކުރުމަށް ފެމިލީ ކޯޓުން ތައްޔާރުކޮށްފައިވާ “ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ޢިޖްތިމާޢީ އަތްމަތީ ފޮތް” ނެރެދެއްވުން ވެސް އޮތެވެ. ޢާއިލީ ޞުލްޙަ ވެހި އިފްތިތާޙްކޮށްދެއްވައި، ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ޢިޖްތިމާޢީ އަތްމަތީ ފޮތް ނެރެދެއްވީ އިސްޤާޟީ އަލްއުސްތާޛް ޙަސަން ސަޢީދެވެ. މި ރަސްމިއްޔާތުގައި ކޯޓުގެ ޤާޟިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.